ސްރީ ލަންކާގެ ރަައްޔިތުން ސައްކެޔޮ ކާން ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
އެ ގައުމުގެ ސަރުކާރުން ބުނީ މި ޕްގްރާމްގެ މައިގަނޑު މަގުސަދަކީ "ފުޑް ސެކިއުރިޓީ" އަށް މަސައްކަތްކުރުން ކަމަށާއި ސައްކޭލަކީ ލަންކާގައި އާންމުކޮށްކޮށް ހެދޭ އަދި އާންމުކޮށް ވަރަށް ގިނަ އަދަދަކަށް ހައްދާ ވެސް ބާވަތަކަށްވުމާ އެކީ މައިގަނޑު ކެއުމެއްގެ ގޮތުގައި ސައްކެޔޮ ބޭނުންކުރާ މިންވަރު އިތުރު ކުރުން ކަމަށެވެ.
ސައްކެޔޮ ކާން ހިތްވަރުދޭން ފެށި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ގައުމީ ފެންވަރުގައި ސައްކެޔޮ ގަސް އިންދުމުގެ ހަރަކާތެއް ވެސް ވަނީ ފަށައިފަ އެވެ. އެކަމަށްޓަކައި އިއްޔެ އަނޫރާދާ އެއާ ފޯސް ބޭސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވަވަޑައިގެންނެވި އެވެ.

އެގޮތުން "ގުވާން ހަމޫޑާ ހެރަލީ ޕޭރަލީ" ގެ ޝިއާރުގެ ދަށުން އިއްޔެ ވަނީ ތިން މިލިއަން ސައްކެޔޮ ގަސް އިންދުމުގެ ހަރަކާތެއް ފަށައިފަ އެވެ. ސަރުކާރުން މިހާރު ނިންމާފައި އޮތީ މި އަހަރު ނިމުމުގެ ކުރިން 500،000 ސައްކެޔޮ ގަސް ލަންކާގެ އެކި ހިސާބުތަކުގައި އިންދުމެވެ.
ސައްކޭލަކީ ލަންކާގައި ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްގެން ކައި އުޅޭ އެއްޗެކެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ލަންކާ އަށް ދިމާވި މާލީ އަދި އިގުތިސާދީ ބޮޑުތަދާ އެކީ ކާނާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ވެސް ބޮޑު ބުރުލެއް އެރި އެވެ.