Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ޑްރަގްގައި ޖެހިފައިތިބި މީހުންނަށް ކޮށްދެވުނު ކަމެއް ނެތް

މެންބަރު މުހައްމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު ޑްރަގްގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފަިއވާ ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައވެެ.

އެ ޤަރާރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު ފެންނަނީ މަސްތުވާތަކެތީގެ ވަބާގައި ޒުވާން ޖީލެއް ހަލާކުވަމުންދާތަން ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައުމަށް ތައްޔާރުކުރި މެނިފެސްޓޯގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ ކަންކަތައްތަކެއް ހުރިކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސްކަމެއް މި ސަރުކާރަށް ކުރިވިފައި ނެތްކަމަށެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު ޑްރަގްގެ ވަބާގައި ޖެހިފައިތިބި ޒުވާނުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްނުދެވުނުއިރު ރާއްޖެއަށް ޑްރަގްސް އެތެރެކުރާ މީހުން ހިފާ ހައްޔަރު ކުރުމުގައިވެސް މިސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫކޮށްލާ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ރިހިބިލިޓޭޝަން ރަނގަޅަށް ފޯރުކޮށްނުދެވޭއިރު އެކަމަށް ހާއްސަކޮށް ހަދާފައިވާތަނުންވެސް އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށާއި އަދި އެފަރާތްތަކަށް އަޅާލާނެ މީހަކުވެސް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ހަސަން ލަތީފް ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެމިކަމުގައި ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ގޮވާލައްވާފައެވެ.