ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ފުރުވާލާގޮތް ހެދުމަކީ "ކޮސް" ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެެ.
އެ ޤަރާރަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ދައުލަތަކުން ކަމެއް އިސްލާހު ކުރުމަށް ޝައުގުވެރިކަމާއެކު މަސައްކަތް ކުރުމުން އެ މަސައްކަތް ކުރާގޮތް ފެންނަ ކަމަށެވެ. އެގޮތުން ބަޔަކައަށް ވަޒީފާ ދޭން ބޭނުންވުމުން ފެނަކައާ އާރްޑީސީން ވަޒީފާތައް "އުތުރެމުން" އަރައިގަންނަތަން ފެންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހިބިލިޓޭޓް ކުރުމާ ޖެހުމުން ފެންނަނީ އެކަން ނުވެ އެކަމަށް ބޭނުންވާ ފަރުވާ އެ ފަރާތްތަކަށް ނުދެވޭކަން ކަމަށާއި އެކަމުން ވެސް މި މައްސަލަ ހައްލުކުރުމަށް މިސަރުކާރުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުމަށްތިބޭ ބައެއްކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ މިވާހަކައަކީ މެންބަރުން ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ. އަދި އެކަންކަން ފާހަގަކުރުމަކީ އެއީ ރައީސުލްޖޫމްހުރިއްޔާއާ ދެކޮޅަށް ނުވަތަ ސަރުކާރާ ދެކޮޅަށް ކުރާކަމެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވިއެވެ.
"ދެން މިތަނަށް ޑްރަގް ހިފައިގެން އަންނަ މީހަކު، އައިސް ޓްރާންސިޓް ކޮށްގެން އެމީހަކު ސަލާމަތްވެގެން އަނެއް ދޮރުއަށިން ލާފަ ނިކުމެގެން ދެވޭގޮތް ވާކަމަށްވަންޏާ، ދެން ދުވަހަކުވެސް މިތަނަށް ޑްރަގް ހިފައިގެން އަންނަ މީހަކު ހައްޔަރެއް ނުކުރެވޭނެ. މިބާވަތުގެ ކޮސްކަންތައްތައް ކުރީމަ ދުވަހަކުވެސް ރަނގަޅެއް ނުވާނެ." ޤާސިމް ވިދާޅުވިއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލާ ގޮތަށް ހެދުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އަދި އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އެ ގަވައިދު ދިފާއުކޮށް ވާހަކަދައްކާފައެވެ.