Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެމްޕީ އަލީ ހަމީދު ޖޭޕީން ވަކިވެ އެމްޑީޕީއަށް

ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކޮށްފައިވަނީ މިއަދު މުލިއާގޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ޖޭޕީ ދޫކޮށް މެންބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކޮށްފައިމިވަނީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ކޯލީޝަން ހެދުމަށް ދައުވަތު އެރުވުމުން ޖޭޕީން ނިންމާފައިވަނީ އެޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށެވެ. އެގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށް ހުޅުވާލި ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެކަންޏެވެ. ރިޔާސީ އިންތިހާބަށް ޤާސިމް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާތައް ވަނީ ފައްޓަވާފައެވެ. އެގޮތުން ޖޭޕީގެ ފަރާތުން އަދި ރައީސް ނަޝީދުގެ ފަރާތުން ހިމެނޭ ޓިމްތައް އަންނަނީ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ރައީސް ސޯލިހްއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭ އެކަންޏެވެ.