Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އަމީތާބްގެ ފިލްމަށް ޑަޔާނާ

ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ ކޯޓް ޑްރާމާ "ސެކްޝަން 84" ޑަޔާނާ ޕެންޓީ ސޮއިކޮށްފި އެވެ.

މި ފިލްމަކީ ކުރިން ވެސް އަމީތާބާ އެކީ މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ރިބޫ ސެން ގުޕްތާ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޕަރިނީތީ ޗޯޕްޅާ އާއި ހާޑީ ސަންދޫއާ އެކީ މިދިޔަ އަހަރުގެ "ކޯޑް ޑޭމް: ތިރަންގާ" އެވެ. އަމީތާބާ އެކީ ރިބޫ ކުރިން ގެނެސްދިން އުފެއްދުންތަކަކީ ސޮނީ ޓީވީގެ 2014 ގެ ސިލްސިލާ "ޔުދު" އާއި 2016 ގެ ފިލްމު "ތީން" އެވެ.

އަމީތާބް ވަރުގަދަ ރޯލެއް ކުޅޭ "ސެކްޝަން 84" އިން ފުރުސަތު ލިބުމާ ގުޅިގެން ޑަޔާނާ ބުނީ މިއީ ވަރަށް ހާއްސަ ފުރުސަތެއް ކަމަށެވެ.

"ފިލްމުގެ ސްކްރީންޕްލޭ ވެސް އެހާ މޮޅު. އަދި އަމީތާބާ އެކީ މަސައްކަތްކުރަން ލިބުމަކީ ވަކިން ހާއްސަ ކަމެއް." ކޮކްޓެއިލް އާއި ޝިއްދަތު އަދި ހެޕީ ބާގް ޖާއޭގީ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ.

ޑަޔާނާ، 37، ގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސެލްފީ" އެވެ.