Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ޔާމީންގެ އިސްތިއުނާފު އަދިވެސް ރަޖިސްޓްރީ ނުވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ހައި ކޯޓްގައި އަދިވެސް އެ މައްސަލަ ރަޖިސްޓްރީ ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ އިސްތިއުނާފު މައްސަލަ އަދިވެސް ކޯޓްގައި ރަޖިސްޓްރީ ނުވެ އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އިންސާފު ލިބުން ލަސްވުމަކީ، އިންސާފު ނުލިބުން." އޭނަ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅި ފެބްރުއަރީ މަހުގެ 21 ގަ އެވެ. ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންގެ އުންމީދު ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެންމެ ގުޅިފައިވާ އަދި އެންމެ އުންމީދީ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން." އޭނަ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވަން ނިންމާފައިވާ އިރު، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ އިންތިހާބުގައި ޔާމީން ވާދަކުރާނެ ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.