Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ލުބްނާ ޖޭޕީ އަށް ސޮއިކޮށްފި

ސަރުކާރުގެ މަގާމުތަކެއް ފުރައްވާފައިވާ ލުބްނާ ޒާހިރު ހުސައިން ޖުމްހޫރީ ޕާޓީ ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.

އޭނަ އެ ޕާޓީ އަށް އިއްޔެ ސޮއިކުރައްވައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމު ހަވާލުކުރައްވާފައިވެ އެވެ. ލުބްނާ އަކީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ނެޝަނަލް ޑްރަގް އެޖެންސީ އެންޑީއެން) ގެ ޗެއާމަންގެ މަގާމުގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުއްވާ ލުބުނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ދަރިކަނބަލެކެވެ.

ލުބްނާ ޖޭޕީ އަށް ސޮއިކުރެއްވި އިރު، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ގާސިމަށް ޓިކެޓް ދޭން ނިންމުމުން އެކަމަށް ތާއީދުނުކުރާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް މެންބަރުންނާއި މަޖިލީސް މެންބަރުންތަކެއް ޕާޓީ ދޫކޮށްލެއްވުމުގެ ސިލްސިލާއެއް ވަނީ ފެށިފަ އެވެ.