Last Updated: May 4, 10:18
Sunday, May 4, 2025
ދުނިޔެ

ޓްވިޓާގެ ދޫނި "އުދުއްސާލައިފި"!

ޓްވިޓާގެ ލޯގޯއެއްގެ ގޮތުގައި މިހާތަނަށް ބޭނުން ކުރަމުން އައި ނޫ ކުލައިގެ ދޫނި ދުއްވާލައިފި އެވެ.

ލޯގޯ އަށް ބަދަލު ގެނެސް މިހާރު އިނީ ކްރިޕްޓޯކަރަންސީގެ ބާވަތެއް ކަމަށްވާ ޑޮޖްކޮއިން ރަމްޒުކޮށްދޭ ޝިބާ އިނޫ ކޮއިންގައި އިންނަ ކުއްތާގެ މޫނެވެ. ޓްވިޓާ އަށް މި ލޯގޯ ގެނެސްފައި ވަނީ ޑޮޖްކޮއިންގެ އަގު އިންފްލޭޓްކުރި ކަމަށް ބުނެ ޓްވިޓާގެ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކްގެ މައްޗަށް ކުރި 258 ބިލިއަން ޑޮލަރުގެ ދައުވާގެ މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު އެވެ.

އެހެންވެ މިއަދު ޓްވިޓާ އަށް ވަންނަ އިރު އެންމެ ފުރަތަމަ ވެސް ދައްކައިލަނީ އާ ލޯގޯ އެވެ. އެކަމަކު މިއީ ދާއިމީ ބަދަލެއްތޯ ނުވަތަ ވަގުތީ ބަދަލެއްތޯ އަދި މުޅިއަކުން ސާފެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާގެ ލޯގޯ އަށް މި ގެނައި ބަދަލާ އެކީ ޑޮޖްކޮއިންގެ ހިއްސާއަގު ވެސް 30 ޕަސެންޓަށް އުފުލިފައވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު 44 ބިލިއަން ޑޮލަރަށް ޑޮލަރަށް ޓްވިޓާ ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ގަ އެވެ. އީލޮން ޓްވިޓާ ބައްލަވައިގަތް ފަހުން އެއަށް އެކި ކަހަލަ ބަދަލުތައް މިހާތަނށް ގެންނަވާފައިވެ އެވެ. އޭގެ ތެރޭގައި ވެރިފިކޭޝަން ބެޖް ސަބްކްރިޕްޝަމް ފީއެއް ދައްކައިގެން ދެމެހެއްޓުމާއި ވެރިފައިކޮށްދޭ އެކައުންޓްތަކުގެ ބެޖް، ތިން ކުލައަކުން ގެނެސްދިނުމެވެ.

އެގޮތުން ސެލެބްރިޓީން ފަދަ މީސްމީހުންގެ ވެރިފިކޭޝަން ބެޖް ނޫ ކުލައިން، ވިޔަފާރިތަކަށް ރަން ކުލައިން އަދި ސަރުކާރުތަކަށް އަޅި ކުލައިން ބެޖް ދިނުން ހިމެނެ އެވެ.