ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން މިސަރުކާރުން އަޅާ ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ 4،000 ސޯޝަލް ހައުސިންގެ ތެރެއިން ނިމިފައިވަނީ ކިތައް ހައުސިން ޔުނިޓްތޯ އަދި ނުނިމި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ 4000 ހައުސިން ޔުނިޓްގެ މަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޮންކްރީޓް މަސައްކަތް ނިމި، އޭގެތެރެއިން ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ދެއްކި މޮކަޕް ފްލެޓްގައި ފަރުނީޗަރާއި އެކު ހުރި ނަމަވެސް، ފްލެޓް ދޭނީ ފަރުނީޗަރާއި އެކު ނޫން ކަމަށެވެ. އަދި މޮކަޕްގައި ފަރުނީޗަރާއި އެކު ދައްކާލާފައިވަނީ ހުންނާނެ ގޮތް ދައްކާލުމުގެ ގޮތުން ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ކުރިއަށް ގެންދާ 4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިން ތަރައްޤީކުރާ 2،000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2،000 ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ހައުސިން ޔުނިޓް، ތިން ކޮޓަރީގެ 2،800 ހައުސިން ޔުނިޓެވެ.