މި ރޯދަ މަހު މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވާން ފަށައިފި އެވެ.
އިއްޔެ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރު ވެސް ވެފައިވާ އިރު، އެ އެކްސިޑެންޓްގެ ކުރިން ވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިންޑެންޓެއް ހިނގި އެވެ. މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ އިރު، އެ ދެ ދިމާ ގުޅޭ ބްރިޖް ސަރަހައްދުގައި ވެސް ރޭ އެކްސިޑެންޓެއް ހިނގި އެވެ.
ކުރިން ވެސް އެތައް އެކްސިޑެންޓެއް ހިނގާފައިވާ އެ ސަރަހައްދުގައި ރޭ އެކްސިޑެންޓެއް ހިނގީ ބަހަކާއި ކާރެއް ޖެހިގެންނެވެ. އެއީ ރޭ 10:30 އެހާކަށްހާ އިރު އެވެ.
އެ އެކްސިޑެންޓްގެ ފަހުން ރޭ ދަންވަރު 1:30 އެހާކަށްހާ އިރު މާލޭގައި އިތުރު އެކްސިޑެންޓެއް ހިނގި އެވެ. ފުލުހުން ބުނީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވުމުން ވެސް ސައިކަލު މަޑުނުކޮށް ދާން މަސައްކަތްކޮށް އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވީ ފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުން އަންނަނީ ޓްރެފިކްގެ ގަވާއިދުތަކާ އެއްގޮތަށް ވެހިކަލްތައް ދުއްވުމަށް ނަސޭހަތްތެރިވަމުންނެވެ.