Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަން އުވާލަނީ ބޭކާރު ހަރަދުތައް ކުޑަކުރަން

މެންބަރު އަހުމަދު ސަލީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސްޕޯޓްސް ކޯޕަރޭޝަން އުވާލަނީ ބޭކާރު ހަރަދުތައް ކުޑަކުރަން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެ އިސްލާހަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ކުޅިވަރުގެ މުޅި ގަވަރނަންސް ލާމަރުކަޒުކުރުމާ، ބޭކާރު ހަރަދުތައް ކުޑަކުރުންކަން އެނގޭ ކަމަށެވެ. ފައިދާ ނުވާ ކުންފުނިތައް އުވާލުމަށް މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް އެދޭކަމަށާއި އަމިއްލަ މީހުން ކުރާ ކުދި ވިޔަފާރުތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަކީ މަޖިލީހުގައި މެންބަރުން ދައްކާ ވާހަކަތައް ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެ އަޑު ސަރުކާރުން މިއަދު އައްސަވައިފި. މިހާރު ސަރުކާރުން ބޭނުންވަނީ، ފައިދާއެއް ނުވާގޮތަށް އަޅުގަނޑުމެންނަށް ބޮޑު ތަޖުރިބާއެއް ކުރެވުނު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން." ސަލީމް ވިދާޅުވިއެވެ.

ސްޕޯޓްސް ޓީވީ ޗެނަލް އަދި ކޯޕަރޭޝަން އުވާލުމަށް އިސްލާހުގައި ހުށަހަޅާފައިވަނީ ހަރަދުކުޑަކޮށް މުހިންމު ކަންތައްތަކަށް ފައިސާ ކަނޑައެޅުމުގެ ބޭނުމުގައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުން ކުޅިވަރު ކުރިއަރުވާ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާތައް ރާއްޖެއިން ފެންނަމުންދާ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު މިހާރު ހަރަކާތްތެރިވަމުންދަނީ އެކަށީގެންވާ ވަސީލަތްތަކެއް ނެތިކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެސޯސިއޭޝަންތައް މޮނީޓާކޮށް ބެލެހެއްޓުމަށްތަކައި އެކަށީގެންވާ ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި ހަރަދު ފޫބެއްދުމުގެ ގޮތުން އިތުރު ފައިސާ ހޯދުމަށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.