ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި އެ މަޤާމަށް މުހައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.
އެކަން ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރައްވާފައިވާއިރު، އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް އައްޔަނުކުރި އަޒާދަކީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅާއެވެ.
އެކައުންޓަންޓް ޖެނެރަލްގެ މަގާމަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 44 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެ ކަމަށެވެ. އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ކުރިން މި މާއްދާގައި ބަޔާންކުރަނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ ނަމުގައި މަގާމެއް އުފައްދައި އެމަގާމަށް މީހަކު އައްޔަނުކުރަންވާނެ ކަމަށެވެ.
އެކައުންޓަންޓް ޖެނެރަލްގެ މައްސޫލިޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުމާއި، ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދު ކުރެވެނީ ނުވަތަ އިންވެސްޓްކުރެވެނީ ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތީ ބެލުން ހިމެނެއެވެ.