Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

މެސީ އަށް ސައުދީން 400 މިލިއަން ޔޫރޯގެ ހުށަހެޅުމެއް

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ސައުދީ އަރަބިއްޔާގެ ކުލަބަކުން 400 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ ،35، ގެންނަން މި ހުށަހެޅުން ހުށަހަޅާފައިވަނީ ސައުދީ ލީގުގެ ތިންވަނައިގައި އޮތް އަލް ހިލާލް އިންނެވެ.

އަލް ހިލާލް އިން މެސީ އަށް ހުށަހަޅާފައިވަނީ މުސާރައިގެ ގޮތުގައި އަހަރަކު 400 މިލިއަން ޔޫރޯގެ ހުށަހެޅުމެކެވެ. ނަމަވެސް މެސީގެ ވިސްނުން ހުރީ އަދިވެސް ފުޓްބޯޅަ ކެރިއަރު ޔޫރަޕްގައި ކުރިއަށް ގެންދަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާގެ ކޮންޓްރެކްޓް އާކުރަން ޕީއެސްޖީން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ސީޒަނަށް ފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާއިރު މެސީ ކުރިން ކުޅުނު ބާސެލޯނާ އިން ވެސް އޭނާ އަލުން އަނބުރާ އެ ކްލަބަށް ގެންނަން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސައުދީ ލީގުގެ ކްލަބަކުން މެސީ ގެންނަން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު މެސީއާ ވާދަވެރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިވަގުތު ކުޅެމުން އަންނަނީ ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް ނަސްރަށެވެ. ރޮނާލްޑޯ އެ ކްލަބަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު މުސާރައަކަށެވެ.