Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

އަގްސާގައި ނަމާދަށް ތިއްބައި ހަމަލާ ދީފި

އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލު ސިފައިންނާއި ފުލުހުން ރޭ ދަންވަރު އަގްސާ މިސްކިތަށް ވަދެގަނެ އެ ތަނުގެ ތެރޭގައި އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ކަރުނަގޭސް ޖަހައި މިސްކިތުގެ އެތެރޭގައި ތިބި ފަލަސްތީނު މީހުންތައް ބާރުގެ ބޭނުންކޮށް މިސްކިތުން ބޭރަށް ނެރެ ވަނީ އަނިޔާތައް ދީފަ އެވެ. އަދި މިސްކިތުގެ ތެރޭގައި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިޖެހި ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

އަގްސާ މިސްކިތުގެ ހުރުމަތް އިޒްރޭލު ސިފައިން ކަނޑާލިއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަންހެނުން އެވަގުތު އަޅުކަމުގައި މިސްކިތުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލު ސިފައިން ވަނީ އަގްސާ މިސްކިތުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ބުނެފަ އެވެ.

އިޒްރޭލު ސިފައިންނާއި ފުލުހުން އަގްސާ މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައިގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވަނީ ފަލަސްތީނު ރައްޔިތުން ގުދުސް އަށް އައިސް އަގްސާ މިސްކިތް ހިމާޔަތް ކުރުމަށް ގޮވާލާފަ އެވެ.

އިޒްރޭލު ސިފައިން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އަގްސާ މިސްކިތަށް ވަދެ ހަމަނުޖެހުންތައް ހިންގައި ފަލަސްތީނުގެ އެތައް ރައްޔިތުންނަކަށް އަނިޔާތައް ދެމުންގެންދެ އެވެ.