އިންސާނާ ދުނިޔެ އަށް އައި ނަސްލެއްގެ ސަބަބުން އޭނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށް ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ރ. ދުވާފަރުގައި "އަލް ޙުޖުރާތް ސޫރަތުން ލިބޭ ފިލާވަޅުތައް" މައުޟޫ އަށް ވާހަކަ ދައްކަވަމުން ޝުފާން ވިދާޅުވީ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާން ކުރައްވާފައިވާ ކަމަށެވެ.
ޤުރުއާނުން އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭ ކަމަށް މާތް ﷲ ވަޙީކުރައްވާފައިވާކަމަށާއި އަލް ޙުޖްރާތް ސޫރަތުގައި ބަޔާންވެގެން ވަނީ މުޖުތަމައަށް ބޭނުންވާ އަޚްލާޤީ ސިފަތައް ކަމަށް ވިދާޅުވި އެވެ. އެގޮތިން ޝެއިހް ފާހަގަކުރެއްވި ގޮތުގައި ހުޖުރާތުގެ އެ ސޫރަތުގެ އާޔަތްތަކަށް ބަލައިމީމާ ސާފު ވަނީ ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް އަންގަވާފައިވީނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ އެއާ ޚިލާފަށް ޢަމަލުކުރާތަން ކަމަށް ވިދާޅުވި އެވެ. ބަޔަކު މައްސަލައެއް ޖެހިގެން އުޅޭ ނަމަ އެ މައްސަލަ އިތުރަށް ގޯސްކުރުމުގެ ބަދަލުގައި އެކަމެއް ޙައްލުކޮށްދިނުމަށް އެ ސޫރަތުގައި މާތްﷲ އަންގަވާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
މާތް ﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފި ނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެ ކަމަށާއި މާތްﷲ އާއު އެކަލާނގެ ރަސޫލާ އަށް ފުރިހަމައަށް ކިޔަމަންވެ އެންގެވި ގޮތަށް އުޅެން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ތިމާނަސަބަކުން އައި ނަމަވެސް ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާ ކަމަށާއި މާތްﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހާކަމަށް ޝިފާން ވިދާޅުވި އެވެ.