ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ފިލްމު "ވޯ" ގެ ސީކްއެލްގެ ޑައިރެކްޓަރަށް މިދިޔަ އަހަރު "ބުރައްމަސްތުރާ" ގެނެސްދިން ޑައިރެކްޓަރު އަޔާން މުކަރްޖީ ހަމަޖައްސައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމު އަޔާންއާ ހަވާލުކުރި އިރު، މިއީ އެ ސްޓޫޑިއޯ އިން މިހާރު ފަށާފައި އޮތް "ސްޕައި ޔުނިވާސް" ގެ ފިލްމެކެވެ. އޭގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް ސަލްމާން ޚާންގެ "ޓައިގާ 3" އެވެ.
"ވޯ 2" ގެ ޑައިރެކްޓްކުރަން އަޔާންއާ ހަވާލުކުރި އިރު 2019 ގައި ގެނެސްދިން މީގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. "ވޯ" ގެ ސީކްއެލްގައި ރިތިކް ރޯޝަން ހިމެނުނު ނަމަވެސް ކާސްޓްގައި ޓައިގާ ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އަޔާން މިހާތަނަށް ގެނެސްދިން ތިން ފިލްމަކީ ވެސް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކެވެ. އެއީ "ބުރައްމަސްތުރާ" ގެ އިތުރުން 2013 ގެ "ޔޭ ޖަވާނީ ހެ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" އެވެ. "ވޯ 2" ވާނީ ދަރުމާ އިން ބޭރުގެ ފިލްމެއް އަޔާން ޑައިރެކްޓްކުރާ ފުރަތަމަ ފަހަރަށެވެ. އެ ފިލްމު އޭނައާ ހަވާލުކުރީ ޓްރިލޮޖީއެއްގެ ގޮތުގައި ފަށާފައި އޮތް "ބުރައްމަސްތުރާ" ގެ ދެވަނަ ބައި 2026 ގައި އަދި ތިން ވަނަ ބައި 2027 ގައި ގެނެސްދޭން ނިންމިކަން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފައި ވަނިކޮށެވެ.
އެކަމަކު "ވޯ 2" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.
ރިތިކް މިހާރު އަންނަނީ "ޕަތާން" އަށް ފަހު، ސިދާތު ގެނެސްދޭން ހަމަޖެހިފައިވާ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައިވާ އެ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.