ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު "އައިޓަމް ލަވަތަކެއް" ކުޅެފައިވާ މަލައިކާ އަރޯރާގެ އާ ވީޑިއޯ ލަވައެއް ނެރެފި އެވެ.
މި ލަވަ އަކީ މިހާތަނަށް އެތައް ވީޑިއޯ ލަވައެއް ނެރެފައިވާ ލަވަކިޔުންތެރިޔާ ގުރޫ ރާންދަވާ އަލްބަމް "މޭން އޮން ދަ މޫން" ގައި ހިމެނޭ "ތޭރާ ކީ ހަޔާލު" އެވެ. ވަރަށް ގްލެމަރަސްކޮށް، ޑިސްކޯ ސްޓައިލްގައި ގެނެސްދީފައިވާ ލަވައިގައި ގުރޫއާ އެކީ މަލައިކާގެ ނެށުންތަކެއް ފެނިގެންދެ އެވެ.

މި ލަވަ ބަލާފައި އޭނަގެ ލޯބިވެރިޔާ އެކްޓަރު އަރުޖުން ކަޕޫރް، ލަވައިގެ ތަންކޮޅެއްގެ ސްކްރީން ޝޮޓަކާ އެކީ އިންސްޓަގްރާމް ސްޓޯރީގައި ލަވަ ވަރަށް ކަމުގޮސްފި ކަމަށް ބުނެފައިވެ އެވެ. މިދިޔަ އަހަރު ރިލީޒްކުރި އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ވެސް މަލައިކާގެ "އައިޓަމް ލަވައެއް" ހިމަނާފައިވެ އެވެ.
އޭނަ ކުރިން ކުޅުނު އެފަދަ ލަވަތަކުގެ ތެރޭގައި "ޗައްޔާ ޗައްޔާ" އާއި "މާހީ ވޭ" އަދި "މުންނީ ބަދުނާމް" އަދި "އަނާރްކަލީ ޑިސްކޯ ޗަލީ" ހިމެނެ އެވެ.
ސުޕަ މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުވި މަލައިކާ، 49، އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ.