މިދިޔަ އަހަރު އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ ތެލެގޫ ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފިލްމަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. އެކަމަކު ޓައިގާ ނުހިމަނައި "ވޯ 2" އިއުލާންކުރި އިރު، ކާސްޓްގައި ރިތިކާ އެކީ މި ފަހަރު ހިމެނެނީ އެންޓީއާރް އެވެ. އޭނަ އަކީ ތެލެގޫ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އެންޓީއާރް މިހާރު އަންނަނީ "އެންޓީއާރް 30" ގެ ނަމުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ބަތަލާ އަކީ ބޮލީވުޑްގެ ޖާންވީ ކަޕޫރެވެ.
ރިތިކާއި އެންޓީއާރްއާ އެކީ "ވޯ 2" ހަދަން ނިންމި އިރު، މީގެ ޑައިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރު "ބުރައްމަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ އެވެ. އެކަމަކު ފިލްމުގެ ބަތަލާ އާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އަކީ 2019 ގެ އެންމެ ކާމިޔާބު ހިންދީ ފިލްމެވެ. އެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހެދި ފިލްމެކެވެ.