Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ޤާނޫނާ ހިލާފެއް ނުވަން، ފެއިލްވި ކަމަށް ގަބޫލެއް ނުކުރަން

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - ފޮޓޯ: ރައީސް އޮފީސް

ޤާނޫނާ ހިލާފު ކަމެއް ނުކުރާ ކަމަށާއި ފެއިލްވި ކަމަށް ޤަބޫލު ނުކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާއަށް، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯ، އަދި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދެންޖެހޭ ކަމެއްކަމަށް ދެކެންތޯ ސުވާލު ކޮށްފައެވެ. މީގެއިތުރުން ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ނުވުމަކީ ފެއިލްވުން ކަމަށް ޤަބޫލުކުރަންތޯ ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގައި ވަޒީރަކާ ސުވާލު ކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވޭނެކަމަށް އެ ޤާނޫނުގައި ބުނާކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މެންބަރު ޝިޔާމްގެ ސުވާލުގައި ބުނާފަދަ ކަމެއް ނުކުރާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއްވެސް ނުވާނެ. ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ މެންބަރު ޝިޔާމްގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއް ކަމަށް ނުދެކޭ ކަމަށެވެ.

މެންބަރު ޝިޔާމްގެ ސުވާލުގައި މިނިސްޓަރު ފެއިލްވި ކަމަށް ގަބޫލުކުރަންތޯ ސުވާލު ކޮށްފައިވުމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ފެއިލްވި ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. ނަމަވެސް އެއްވެސް ވަޒީރެއް ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާކަމެއްގެ ސަބަބުން މެންބަރަކަށް މިނިސްޓަރު ފެއިލް ވެފައިވާ ކަމަށް ގަބޫލުކުރެވޭނަމަ އެ ވަޒީރަކާ ދޭތެރޭ ފިޔަވަޅުއެޅުމުގެ ފުރިހަމަ އިހްތިޔާރު ޤާނޫނާއި ޤާނޫނުއަސާސީން ލިބިގެންވާ ކަމަށެވެ.