ނެޓްފްލިކްސް އަށް 2020 ގައި ގެނައި ކްރިސް ހެމްސްވޯތުގެ މަގުބޫލު އެކްޝަން ތުރިލާ "އެކްސްޓްރެކްޝަން" ގެ ސީކްއެލްގެ ޓީޒާ ޓްރެއިލާ ދައްކާލައި، ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
"އެވެންޖާސް: އެންޑް ގޭމް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ޖޫން 16 ގަ އެވެ. "އެކްސްޓްރެކްޝަން 2" ގެ ޓީޒާ ޓްރެއިލާ އިން ދައްކުވައިދޭ ގޮތުގައި ކުރީގެ ފިލްމަށް ވުރެ ޝައުގުވެރި އެހާމެ ވަރުގަދަ އެކްޝަންތަކެއް ހިމެނޭނެ ފިލްމެކެވެ.
ހެމްސްވޯތާ އެކީ ފިލްމުގެ ކާސްޓްގައި ޓިނާޓިން ޑަލަކިޝްވިލީ، ގޯލްޝިފްތޭ ފަރަހާނީ، އޯލްގާ ކުރެލެންކޯ އަދި ޑެނިއަލް ބާންހާޓް ހިމެނެ އެވެ.
"އެކްސްޓްރެކްޝަން 2" ވެސް ޑައިރެޓްކުރީ ފުރަތަމަ ބައިގެ ވެސް ޑައިރެކްޓަރު ސޭމް ހާގްރޭވް އެވެ.