އެމްޑީޕީން މި އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ވޯޓް ނެގުމާއި ވޯޓް ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމުގައި ހަރަކާތްތެރިވާން ބޭނުންވާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެ ޕާޓީން މިއަދު އެފުރުސަތު ހުޅުވާލައިފި އެވެ.
ކުރިން ވެރިކަން ކުރި އެމްޑީޕީން ބުނީ އިންތިހާބުތަކުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށާއި މޮނީޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް ވެސް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މޮނީޓަރުންގެ ގޮތުގައި ކުރިމަތި ލެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އިންތިހާބު ތަކުގައި އޮބްޒަވަރުން، މަންދޫބުން އަދި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓް މިއަދު މެންދުރު ފަހު 3:00 ގެ ކުރިން ހުށައެޅުމަށް ވެސް އެ ޕާޓީން އެދެ އެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓްއިންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.