Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ހަދަން ބީލަމަށް

އައްޑޫ ހިތަދޫގެ ފުޓްބޯޅަ ސްޑޭޓިއަމް ކައިރީގައި ހަދަން ފެށި ގޮތަށް ހުއްޓިފައި އޮތް ފުޓްސަލް ދަނޑު ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތާ ގުޅޭ ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށް ކައުންސިލް އިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.

ކައުންސިލުން ބުނި ގޮތުގައި ސްޓޭޑިއަމްގެ އިރު ދެކުނުގައި އޮތް ދަނޑު ހަދައިދޭން ޝައުގުވެރިވެ، ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 120 ދުވަހެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ދަނޑު ހަދާނެ ބަޔަކު ހޯދަން ބީލަމަށްލި އިރު، އެ ދަނޑު ބޭނުން ކުރަމުން އައި ހިތަދޫ އެފްސީ ސްޕްރިންޓުން ވަނީ ދަނޑު ނަހަދައިގެން މިދިޔަ އަހަރުގެ ތެރޭގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ ކުލަބުން ބުނެފައި ވަނީ ދަނޑު ހަދަން ފެށީ 2016 ގައި ކަމަށާއި އޭގެ ފަހުން އެތައް އަހަރެއްވީ އިރު ވެސް އެތަނުގައި އެއްވެސް މަސައްކަތް ކުރެވެމުން ނުދާ ކަމަށެވެ.

ސްޕްރިން ބުނި ގޮތުގައި ދަނޑު އެއްވަރުކޮށް، ފަސް އަޅައި ލައިޓް ޖެހި ނަމަވެސް އެ ދިއްލޭނެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމުގެ އިތުރަށް ދަނޑު އޮތީ ވަރަށް ބޮޑަށް ވިނަ ވެސް ފަޅައި ބޭނުން ނުކުރެވޭ ފަދަ ހާލަތެއްގަ އެވެ.