ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރާ ރޫޓް ކަނޑައަޅަނީ ޑިފެންސް މިނިސްޓަރު ނޫން ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މޮޓޯކޭޑް މައްސަލައިގައި ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މާރިޔާއަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވާފައިވަނީ ދުރާލާ ރާވައިގެންތޯ، އަދި އާންމުކޮށް މުޒާހަރާކުރާ ރޫޓަކުން ރައީސް އެރޭ ދަތުރުކުރި ރޫޓް ނެގުމަކީ ސެކިއުރިޓީ ފޯސްއިން ތަސްދުގައި ކުރި ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މޮޓޯކޭޑް ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑު ދެންމެވެސް ދަންވާލިން، ވަޒީރުގެ މަސައްކަތް ރަސްމީ ދައުރު ހިމެނޭ ކަންތައްތަކެއް. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓް ނިންމުންއެއީ ދިފާއީ ވަޒީރެއް ކުރާކަމެއް ނޫން." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު ސައީދުގެ ސުވާލަށް އިތުރަށް ޖަވާބު ނުދެއްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ މެންބަރުގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ސުވާލެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ހުރިހާ ބައްދަލުވުމެއް ވަނީ ސިއްރު ކޮށްފައެވެ.
ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ 15 ވަރަކަށް މިނެޓްފަހުންނެވެ.
މިކަމާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމާންޑަރު އިބްރާހިމް ހަލީމާ ވަނީ ހަވާލުކޮށްފައެވެ. މިއީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ.
މި މައްސަލަ ބެލުމަށް އެމްއެންޑީއެފުން ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެކެވެ.