Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"މޮއާނާ" އަސްލު އެކްޓަރުންނާ އެކީ

މީގެ ހަތް އަހަރު ކުރިން ޑިޒްނީ ގެނެސްދިން މަގުބޫލު އެނިމޭޓެޑް ފިލްމު "މޮއާނާ" ގެ ލައިވް-އެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ވާހަކަ އެ ފިލްމުގެ މައިގަނޑު އެއް ކެރެކްޓާގެ ގޮތުގައި ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) ގެ ސިފައިގައި ގެނެސްދިން މައުއީ ކެރެކްޓާ އަށް އަޑު އަޅައިދިން ރޮކް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"މޮއާނާ" އަކީ ޖޯން މަޒްކާ ޑައިރެޓްކޮށް 2016 ގައި ގެނެސްދިން މިއުޒިކަލް އެޑްވެންޗާ ފެންޓަސީއެކެވެ. ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.

"މޮއާނާ" ގެ ހަގީގީ އެކްޓަރުންނާ އެކީ ހަދަން ނިންމި އިރު، މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ރޮކް ހިއްސާވެ އެވެ. އެކަމަކު އަދި ލައިވް-އެކްޝަން ފިލްމު ޑައިރެކްޓްކުރާނެ މީހަކު އިއުލާނެއް ނުކުރެ އެވެ.

ޑިޒްނީން މި ފަހަކަށް އައިސް އަންނަނީ އެ ސްޓޫޑިއޯ އިން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތައް އަަސްލު އެކްޓަރުންނާ އެކީ ގެނެސްދެމުންނެވެ. މިފަދަ ބައެއް ފިލްމުތައް ރިލީޒްކޮށްގެން، ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީ ވެސް ހޯދާފައިވާ އިރު، މިހާރު ވެސް މަސައްކަތް ފަށާފައި ހުރި މި ޒާތުގެ ފިލްމުތައް އެބަހުއްޓެވެ.

އެގޮތުން ދެން އެންމެ އަވަހަށް އަންނަން އޮތް ފިލްމަކީ އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައި އޮތް "ލިޓްލް މާމެއިޑް" އެވެ.

ލައިވް-އެކްޝަންގެ ގޮތުގައި މި ފަހުން ޑިޒްނީން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި"ދަ ޖަންގަލް ބުކް"، "ބިއުޓީ އެންޑް ދަ ބީސްޓް"، "ލަޔަން ކިންގް"، "ޑަމްބޯ"، "އަލައްދިން"، "މުލާން" އަދި "ޕިނޯކިއޯ" ހިމެނެ އެވެ.