އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ 10:00 އަށެވެ. އެހެންނަމަވެސް އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އައްބާސް ދިރިއުޅޭ ވަކި ތަނެއް ނޭންގޭތީ ޗިޓް ހަވާލުނުކުރެވިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ ޗިޓު ހަވާލު ނުކުރެވުމުގެ ސަބަބުން އައްބާސްގެ އަޑުއެހުން ކެންސަލްކުރި ދެވަނަ ފަހަރެވެ.
އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވ. އަދި 23 ޑިސެންބަރު 2022 ދުވަހު އައްބާސް އާދިލް ރިޒާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ މައްސަލައިގައެވެ.