ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ބެލެހެއްޓުމަށް ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވާލާ މައްސަލައާ ގުޅިގެން ސުވާލު ކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ ގިނަ މީހުންނަކީ ބޮޑެތި ބަލިތައް ޖެހިފައި ތިބޭ މީހުން ކަމަށެވެ. އެގޮތުން އަންނަ މީހުންގެ ތެރޭގައި އެއިޑްސްއާއި ކީޑްނީގެ ބަލިތައް ހުންނަ މީހުން ގިނަކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ އެކަހަލަ އެތައް ބައެއް މިވަގުތު ޖަލުގައި އެބަތިބި ކަމަށެވެ.
މާރިޔާ ވިދާޅުވީ އެމީހުން ބެލެހެއްޓުމަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ. ކޯޓުގެ ހުކުމް ނިމުމުން އެފަދަ މީހުން އަނބުރާ ފޮނުވާލެވޭގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ފަހުން އިސްލާހު ގެނެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މީހުން ޖަލުގައި ގިނަ ދުވަހު ބޭތިއްބުމުން ކުރިމަތިވާ އިތުރު ގޮންޖެހުންތައްވެސް ހުންނަކަމަށް ވިދާޅުވިއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލާ ގޮތަށް ހެދުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އަދި އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ އެ ގަވައިދު ދިފާއުކޮށް ވާހަކަދައްކާފައެވެ.