ރާއްޖޭގެ ޑައިވިންގް ސެގްމެންޓް ޕްރޮމޯޓް ކުރުމަށް ސިނގަޕޫރުގައި ބޭއްވި އެޑެކްސް އޯޝަން މިޝަން 2023 ޑައިވް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިދިޔަ މަހުގެ މާރިޗު މަހުގެ 31 އިން މި އެޕްރީލް މަހުގެ 2 ދުވަހާއި ހަމައަށް ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ މި ޑައިވް އެކްސްޕޯ ގައި ރާއްޖޭގެ ކަނޑުގެ ޤުދުރަތީ މާހައުލާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ދެވިފައެވެ. މިގޮތުން ރާއްޖޭގެ އެކި ޑައިވް ލޮކޭޝަން ދައްކުވައި ދޭ ފޮޓޯ ތަކާއި ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ބެހޭ އިންފޮމޭޝަން ކާޑު ބައިވެރިންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން ޑައިވަރުންގެ ވިސްނުން މިވަގުތު ހުރިގޮތާއި އެ މީހުންގެ ބޭނުންތަށް ދެނެގަތުމަށް މިއީ ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް ގޮތުގައި އެމްއެމްޕީއާރްސީން ދެކެވެ. މީގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ ޑައިވިންގް ޕޮރޮމޯޓް ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާ ކަމަށް އެމްއެމްޕީއާރްސީ ބުނެއެވެ.
މި ފެއަރ އަކީ އޭޝިއާ ސަރަހައްދުގައިވެސް ބާއްވާ އެންމެ ބޮޑުއެއް ޑައިވް އެކްސްޕޯ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިގޮތުން މި ފެއަރގައި ޑައިވަރުންނާއި، މެރީން ކޮންސަވޭޝަނިސްޓުންނާއި، އަނޑަވޯޓަރ ފޮޓޯ އަދި ވީޑިއޯ ގްރާފަރުން ބައިވެރިވެއެވެ. މީގެ އިތުރުން ޑައިވިންގް ގެ ޒަމާނީ އެކި ވަސީލަތްތައް ވިއްކާ ފަރާތްތަކުންވެސް ފެއަރގައި ބައިވެރިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ފެއަރގެ ތެރެއިން ސްޕީކަރ އެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވަނީ ރާއްޖެއާއި ގުޅޭ ގިނަ މައުލޫމާތު ހިއްސާކޮށް، ދެމެހެއްޓެނިވި ޑައިވިން ޓުއަރިޒަމް އަކަށް އެމްއެމްޕީއާރްސީގެ ފަރާތުން ކުރަމުންދާ މަސައްކަތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން އިރުމަތީ އޭޝިއާ މާކެޓު ރާއްޖެއަށް މުހިންމު ކަން ފާހަގަކޯށް އެޑެކްސް އިން ޑައިވް ސެގްމެންޓް ޕްރޮމޯޓް ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރެއްވިއެވެ.
ދެކުނު އިރުމަތީ އޭޝިއާ މާކެޓުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 23،080 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މިއަހަރު މިހާތަނަށް 5،897 ފަތުރުވެރިން މި މާކެޓުން ވަނީ ރާއްޖެ އައިސްފައެވެ. މިމާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން އައިޓީބީ އޭޝިއާގައި ބައިވެރިވުމާއި، ދެކުނު އިރުމަތީ އޭޝިއާއަށް ހާއްސަކޮށްގެން ރޯޑް ޝޯއެއް ބޭއްވުމުގެ އިތުރުން ރޮބް ރިޕޯޓް އާއި ގުޅިގެން މީޑިއާ ކެމްޕެއިނެއް ދަނީ ހިނގަމުންނެވެ