Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ޗެލްސީގެ ވަގުތީ ކޯޗަކަށް ލަމްޕާޑް

ޗެލްސީގެ ވަގުތީ ކޯޗަކަށް އެ ކްލަބަށް ކުރިން ކުޅެ އަދި ކޯޗުކަން ކޮށްދިން ފްރޭންކް ލަމްޕާޑް ހަމަޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ގްރެހަމް ޕޮޓާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޕޮޓާ ވަކިކުރުމުން ޗެލްސީގެ ވަގުތީ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރީ ޕޮޓާއާއެކު ބްރައިޓަންގައި މީގެކުރިން މަސައްކަތް ކުރި ބްރޫނޯ ސަލްޓޯ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗު ބެލުމަށް ލަމްޕާޑް ޗެލްސީގެ ދަނޑުގައި ހުރިއިރު އެ ކްލަބުގެ ވަގުތީ ކޯޗުކަން ލަމްޕާޑަށް މިހާރު ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ޗެލްސީގެ ހުށަހެޅުން ގަބޫލުކުރަން ލަމްޕާޑް ތައްޔާރަށް ހުރި އިރު ލީގުގައި ޗެލްސީން ދެން ކުޅޭ މެޗެއްގައި އިރުޝާދު ދޭން ލަމްޕާޑް ހުރުމަކީ ގާތް ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީ އަށް މީގެކުރިން ދެ އަހަރު ދުވަހަށް ކޯޗުކަން ކޮށްދިން ލަމްޕާޑް އެންމެފަހުން ހުރީ އެވަޓަންގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު އެވަޓަން އިން ވަނީ ލަމްޕާޑް ވަކިކޮށްފަ އެވެ.

ވަގުތީ ކޯޗަކަށް ލަމްޕާޑް ގެންނަން ތައްޔާރުވަމުންދާއިރު ޗެލްސީން އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެ މަގާމާއި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ނުވަތަ ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އެވެ.

ޕްރިމިއާ ލީގުގެ 11 ވަނައިގައި ޗެލްސީ މިވަގުތު އޮތްއިރު އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޗެލްސީ ނިކުންނާނެ އެވެ.