ސްޕެނިޝް ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑުން 4-0 އިން ބާސެލޯނާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ފައިނަލަށް ދަތުރު ކޮށްފި އެވެ.
މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ބާސާ އިންނެވެ. ރެއާލް ފައިނަލަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލުން ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގަ އެވެ. ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. އަދި ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓްގައި ކަރީމް ބެންޒެމާ އޭނާގެ ފުރަތަމަ ގޯލު ކާމިޔާބު ކުރިއިރު އޭގެ އަށް މިނިޓް ފަހުން އޭނާގެ ދެވަނަ ގޯލު ޖެހީ ވިނީޝަސް ހޯދައިދިން ޕެނަލްޓީއަކުންނެވެ. އަދި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 80 ވަނަ މިނެޓްގައި ވިނީޝަސް ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
މިއީ ބެންޒެމާ ޖެހިޖެހިގެން ހެޓްރިކް ހެދި ދެވަނަ މެޗެވެ. ބެންޒެމާ ވަނީ ސްޕެނިޝް ލީގުގައި އެންމެފަހުން ރެއާލް ވަޔަޑޮލިޑް އަތުން 6-0 އިން ރެއާލް މޮޅުވި މެޗުގައި ވެސް ހެޓްރިކެއް ހަދައިފަ އެވެ.
މެއި މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ރެއާލް ނުކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ. އެޓީމު ފައިނަލަށް ދަތުރު ކުރީ 2-1 ގެ އެގްރިގޭޓަކުން އެތުލެޓިކް ބިލްބާއޯ އާ ވާދަކުރި ސެމީ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.