Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

އަނެއްކާ ވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި

އިޒްރޭލު ސިފައިން ރޭ ދަންވަރު ވެސް އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، އެ ތަނުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔެވުމުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެލައިފި އެވެ.

މިއީ އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގި ޖެހިޖެހިގެން ދެވަނަ ދުވަހެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލު ސިފައިންނާއި ފުލުހުން ރޭ ދަންވަރު އަގްސާ މިސްކިތަށް ވަދެގަނެ އެ ތަނުގެ ތެރޭގައި އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިޖެހި އެވެ. އަދި މިސްކިތުގެ އެތެރޭގައި ތިބި ފަލަސްތީނު މީހުންތައް، ބާރުގެ ބޭނުންކޮށް މިސްކިތުން ބޭރަށް ނެރުނެވެ.

އިޒްރޭލު ސިފައިން ހިންގި މި ހަމަނުޖެހުމުގައި ފަލަސްތީނުގެ ހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަގްސާ މިސްކިތަށް ޖެހިޖެހިގެން ދެވަނަ ރޭގެ މަތިން އިޒްރޭލުން ހަމަލާދީފައިވާއިރު އިސްލާމީ ގައުމުތަކުން އަންނަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

އިސްރާއީލު ސިފައިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.