Last Updated: May 4, 09:53
Sunday, May 4, 2025
ދުނިޔެ

ޓްވިޓާ ބްލޫ އަށް ފިނި ތަރުހީބެއް

އެލަން މަސްކުގެ ޓްވިޓަރ ސަބްސްކިރިޕްޝަން ޚިދުމަތަށް އެދެވޭ ވަރުގެ ތަރުހީބެއް ނުލިބޭ ކަމަށް ބްލޫމްބާގްއިން ރިޕޯޓް ކޮށްފިއެވެ.

އިންޓަނެޓް ޓްރެފިކް ބަލަހައްޓާ ސިމިލަރވެބް އާއި ހަވާލާދީ ބްލޫމްބާގްއިން ބުނި ގޮތުގައި މިދިޔަ މާރިޗު މަހު އެކަނިވެސް 2.3 މިލިއަން މީހުން ޓްވިޓަރ ބްލޫ ޕޭޖަށް ޒިޔާރަތް ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ރެޖިސްޓަރ ކުރީ 116،000 މީހުންނެވެ. މީގެ އިތުރަށް ފެބްރުއަރީގެ ނިޔަލަށް ރެޖިސްޓަރ ކުރީ 300،000 މީހުން ކަމަށް ރިޕޯޓް ކުރެއެވެ.

ސިމިލަރވެބްގެ ތަފާސް ހިސާބުތަކުގައި ޓްވިޓަރ މޯބައިލް އެޕްލިކޭޝަނުން ވަންނަ މީހުންނާއި އަދި އެކި ޖަމާޢަތްތަކުން އެއްފަހަރާ ވެރިފައި ކުރުމަށް ހުށަހަޅާ އެކައުންޓުތައް ނުހިމެނެވެ.

ޓްވިޓަރގެ އާމްދަނީ ދައްވެގެން އެކުންފުނި ދާދިފަހުން ގަތް ބިލިއަނަރު އެލަން މަސްކް ދަނީ، ޓްވިޓަރ ބްލޫ ބޭނުން ކުރުމަށް ބާރު އަޅަމުންނެވެ. އެގޮތުން ކުރިން ވެރިފައި ކޮށްފައިވާ ފަރާތްތަކުގެ ފާހަގަތައް ވެސް ނަގާނެ ކަމަށް އޭނާ މީގެ ކުރީން ވަނީ ބުނެފައެވެ. ނަމަވެސް އަދި މިހާތަނަށް އެގޮތަށް ނުހެދި ނަމަވެސް މިހާރު އޮތް ނިޒާމުގެ ތެރެއިން ލާރި ދައްކައިގެން ނޫނީ ފާހަގަ ނުލިބޭ ގޮތަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ޓްވިޓަރ ކުންފުނީގެ އާމްދަނީ 50 އިންސައްތަ ދަށަށް މިދިޔަ އަހަރު އޮކްޓޯބަރ މަހުން ފެށިގެން މާރިޗް މަހާއި ހަމައަށް ގޮސްފައިވާ ކަމަށް އެލަން މަސް ބުނެއެވެ. މީގެ އެއް ސަބަބަކީ ޓްވިޓަރގައި އިސްތިހާރު ކުރާ ފަރާތްތައް ދުރަށް ދިއުމެވެ. އެމީހުން އަނބުރާ ގެންނަން މަސައްކަތް ކުރެވުނު ނަމަވެސް އެފަރާތްތައް އަނބުރާ އައުމަށް ބޭނުން ނުވާ ކަމަށް ބްލޫމްބާގްއިން ރިޕޯޓް ކުރެއެވެ.

މިކަމުގެ ސަބަބުން ކުންފުނިއަށް ގެއްލިގެން ދިޔަ އާމްދަނީ އަނބުރާ ޓްވިޓަރ ބްލޫ ޚިދުމަތް މެދުވެރިކޮށް ހޯދެން ނެތެވެ. މީގެ އެއް ސަބަބަކީ ޓްވިޓަރ ބޭނުން ކުރާ މީހުންގެ އަދަދު މަހެއްގެ މައްޗަށް 500 މިލިއަނުން މަތީގައި އުޅޭ އިރު މީގެއިން 1 އިއްސައްތަ މީހުންވެސް ލާރި ދީގެން ޚިދުމަތް ހޯދުމަށް ބޭނުން ނުވާތީއެވެ.