Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އާމިރު ދެން ކުޅޭނީ އެކްޝަން ފިލްމެއް

މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" ބޮޑުތަނުން ފްލޮޕްވުމާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހަށް އެކްޓިން އިން ބްރޭކެއް ނަގައިގެން ހުރި ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ދެން ކުޅޭނީ އެކްޝަން ތުރިލާއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިދިޔަ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ އެކްޝަން ތުރިލާ "ޕަތާން" ގެގެ ބޮޑު ކާމިޔާބީން އިބުރަތް ލިބިގަނެ، އާމިރު ވެސް ދެން އެނބުރި އަންނަން ބޭނުން ވަނީ ވަރުގަދަ އެކްޝަން ފިލްމަކާ އެކީގަ އެވެ. އެހެންވެ އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕްރޮޖެކްޓަކުން ފުރުސަތެއް ފަހިވޭތޯ އާމިރު މަޝްވަރާތަކެއްކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ ސްޓޫޑިއޯގެ މަގުބޫލު "ދޫމް" ފްރެންޗައިޒުން އެންމެ ފަހުން ގެނެސްދިން 2013 ގެ "ދޫމް 3" ގައި ޑަބަލް ރޯލެއް ކުޅުނު އެކްޓަރު ވަނީ އޭގެ އާ ފިލްމަކަށް ތައްޔާރުހުރި ކަމަށް ވެސް ބުނެފަ އެވެ. މީގެ އިތުރުން ވެސް އެކްޝަން ޖޯންރާގެ ސްކްރިޕްޓްތަކަކަށް އާމިރު ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި ސްކްރިޕްޓެއް އޭނަ ހޮވާނީ ވެސް ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި އާމިރުގެ "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން އޭނަ ކުޅެން އޮތް ފިލްމެއް ނުކުޅެން ވެސް ނިންމާފައިވެ އެވެ. އެއީ ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކެވެ. އެ ފިލްމު ނުކުޅެ، އާމިރު ނިންމާފައި އޮތީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭގައި ހިއްސާވާށެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޗެމްޕިއަންސް" ކުޅުވަން އާމިރު ބޭނުން ވަނީ ސަލްމާން ޚާން ލައްވަ އެވެ.

"ލާލް ސިންޗް ޗައްޑާ" ނާކާމިޔާބީގެ ހިއްޗާ އާމިރު، 57، ކުރިމަތިލާން ޖެހުނު އިރު، އޭގެ ކުރިން ރިލީޒްކުރި އޭނަގެ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ ވެސް ވަރަށް ލަދުވެތި ފްލޮޕެކެވެ.