Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ފަގީރުންނަށް ކަދުރު ދޫކުރަނީ މިއަދާ ހަމައަށް

މާލެ ސަރަހައްދުން ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަދުރު ދޫކުރާނީ މިއަދާ ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކަދުރު ދޫކުރަން ފެށީ މިދިޔަ މަހުގެ 26 ގަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ކަދުރު ދޫކުރާ އެންމެ ފަހު ދުވަހަކަށް މިއަދު ހަމަޖެއްސި އިރު، އެކަން ކުރިއަށްް ދާނީ ހެނދުނު 9:30 އިން މެންދުރު 12:00 އާ ހަމައަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ހުސްވެފައިވާ ކަމަށެވެ.

ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން މި އަހަރު ވެސް ރާއްޖެ އަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބެހުން ކުރިއަށް ގެންދިޔައީ މި އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށް ފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.