ބޮލީވުޑްގެ ތަރި ސަލްމާން ޚާނަކީ އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ހަށިގަނޑުގެ ގޮތުން އެންމެ ވަރުގަދަ އެކެކެވެ. އުމުރުން މިހާރު 57 އަހަރުގައި ވެސް އޭނަގެ ފިޓް ކަމަކީ ނަމޫނާއެކެވެ.
ސަލްމާން އިއްޔެ އިންސްޓަގްރާމްގައި އާންމުކޮށްލި ފޮޓޯއަކުން ވެސް އެތައް ބަޔަކު ތިބީ ކޮސްވެފަ އެވެ. އޭގައި އޭނަ ޓީޝާޓެއް ނުލައި ނަގާފައިވާ ފޮޓޯއިން ފިޓްކަން ވަރަށް ބޮޑަށް ދައްކުވައިދެ އެވެ. "އެބްސްތައް" ވަރަށް ފާޅުކޮށް ފެންނަން ހުރި އިރު، ގިނަ ބަޔަކު ބުނެފައި ވަނީ މި ފޮޓޯ ބަލާފައި ސަލްމާނަށް 57 އަހަރު ކަމަށް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ. އަދި ބައެއް މީހުން ފޮޓޯ ގަބޫލުކުރަން ދަތިވެގެން އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ހަގީގަތަކީ ސަލްމާނަކީ ސިއްހަތާއި ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ތަރިއެއްކަމެވެ. އޭނަގެ ހަށިގަނޑު ކިތަންމެ ފިލްމެއްގައި ވެސް ދައްކާލާފައިވެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަލްމާނަކީ އިންޑިއާގައި ކަސްރަތުގެ ފޯރި ގަދަކުރި އެކްޓަރެވެ. ބޮޑު ސްކްރީނުން އޭނަގެ ކަސްރަތީ ވަރުގަދަ ހަށިގަނޑު ދައްކަން ފެށުމުން، އެގޮތަށް ހަށިގަނޑު ބަހައްޓަން މަސައްކަތްކުރަން ފެށި މީހުން ގިނަ އެވެ. އެހެންވެ ފިޓްނެސްގެ ގޮތުން ސަލްމާނަކީ ގިނަ ބަޔަކަށް ރޯލް މޮޑެލްއެކެވެ. މިހާރު އިންޑިއާގައި އެކްޓްކުރާ މީހަކު ނަމަ، އެ މީހަކީ ރީތި ހަށިގަނޑެއްގެ ވެރިއަކަށް ވާން ވެސް ޖެހެ އެވެ. އަދި އެއީ ހަމައެކަނި ފިރިހެނުންނަށް އޮތް ކަމެއް ވެސް ނޫނެވެ.
ސަލްމާނަކީ އަމިއްލަ ބްރޭންޑް "ބީން ހިއުމަން" ގެ ދަށުން "ބީން ސްޓްރޯންގް" ނަމުގައި ކަސްތަރު ސާމާނު ވެސް އުފައްދައި އޭގެ ވިޔަފާރި ވެސް ކުރާ މީހެކެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުގައި "ބީން ހިއުމަން" ބްރޭންޑްގެ ޖިމްތައް ވެސް ހިންގަ އެވެ.
ސަލްމާން ދައްކުވައިދޭ ނަމޫނާ އަކީ އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ރީތި ހަށިގަނޑެއްގެ ނަމޫނާ އެވެ
ކާމިޔާބު އެކްޓަރު މިހާރު އަންނަނީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ޕްރޮމޯޓްކުރަމުންނެވެ.