Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ޑރ. ނާޒް ޖޭޕީއާ ގުޅިވަޑައިގެންފި

ރާއްޖޭގެ މަޝްހޫރު ސައިކޮލިޖިސްޓެއް ކަމަށްވާ ޑރ. އައިޝަތު އަލީ ނާޒު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ކުރައްވަން ނިންމަވައި، ނާޒް ޖޭޕީއާ ގުޅިވަޑައިގަތް އިރު، އޭނަ އަކީ ކުރިއަކުން ސިޔާސީ ހަރަކާތްތަކުން ފެންނަ ބޭފުޅެއް ނޫނެވެ.

ޑރ. ނާޒަކީ ނަފުސާނީ މައްސަލަތަކަށް ރާއްޖޭގައި ހޭލުންތެރިކަން އުފައްދަވައި އެ ދާއިރާ އިން ކައުންސެލިން އާއި ތަމްރީނު ވެސް ދެއްވާ ކަނބަލެކެވެ. އަދި އޭނަ ގެންދަވަނީ މިފްސްޓާގެ ނަމުގައި ނަފުސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ވެސް ހިންގަވަމުންނެވެ.

ނާޒް ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ދަންނަވައި ގާސިމް ވިދާޅުވީ ޑރ. ނާޒް ފަދަ ތައުލީމީ، ގާބިލު ކަނބަލަކު ޖޭޕީއާ ގުޅިވަޑައިގަތުމަކީ، މުޅި ޕާޓީ އަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ނާޒަކީ ޕާޓީ އަށް ލިބުނު އަގުހުރި އެސެޓެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.