Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ސަލްމާންގެ ފިލްމުގެ ޝޫޓިން ޖެނުއަރީގައި

ޝާހްރުކް ޚާނާއި ސަލްމާންގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ނަމަކަށް އަދި "ޓައިގާ ވާސަސް ޕަތާން" ގެ ނަން ދީފައިވާ މި ފިލްމު ޑައިރެކްޓްކުރާނީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. އޭނަ މިހާރު އަންނަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާ ގޮތަށް ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ.

"ޓައިގާ ވާސަސް ޕަތާން" އަކީ "ޕަތާން" ގައި ޝާހްރުކް ކުޅުނު ވަތަނީ ކެރެކްޓާ އާއި "ޓައިގާ" ފްރެންޗައިޒްގައި ސަލްމާން ކުޅެމުން އަންނަ ވަތަނީ ކެރެކްޓާ "ޓައިގާ" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. ސަލްމާންގެ "ޓައިގާ 3" މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ. "ޕަތާން" ގައި އޭނަގެ ހާއްސަ ފެނިލުމެއް ހިމެނުނު ގޮތަށް، "ޓައިގާ 3" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް، "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަވްގަން އާއި ފިލްމު އުފައްދާ ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ވަނީ ނިންމައިފަ އެވެ. ޝާހްރުކާއި ސަލްމާން ހިމަނައިގެން އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް "ޓައިގާ ވާސަސް ޕަތާން" ހަދަން ނިންމީ "ޕަތާން" ގައި އެ ދެ ތަރިން އެއްކޮށް ދައްކައިލުމުން ބެލުންތެރިން އެރި ފޯރިއާ އެކު ލިބުނު ތަރުހީބު ބޮޑުކަމުންނެވެ.

ސަލްމާނާއި ޝާހްރުކް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ.