Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ވަޒީފާގެ ބިރެއް ސަރުކާރުން ނުދައްކާނެ

ސްޕޯކްސްޕާސަން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ސަރުކާރުގެ އޮފީހެއް ނުވަތަ ކުންފުންޏެއްގައި މަސައްކަތްކުރާ ފަރާތަކަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ.

ސިޔާސީ މަގާމުތަކަށް އައްޔަނު ކޮށްފައިތިބޭ ފަރާތްތަަކަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކުރާ ބައެއްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ އެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ޒިންމާއަކީ ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށެވެ.

ސިޔާސީ މަގާމުތަކަކީ އިއުލާނުކޮށްގެން، ވަޒީފާގެ އެއްބަސްވުން ހަދައިގެން ދެވޭ މަގާމުތަކެއް ނޫންކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ރައީސްއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ މަގާމުން މީހުން ވަކިވެސް ކުރެވޭނެ ކަމަށެވެ.

"ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި، ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނިކުމެ ހެނދުނު ތަންފީޒުކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާ ކަމަށްވާނަމަ، އެއްގޮތަކުން ދަންނަވާނަމަ ސިޔާސީ ކަންކަމަށް ލޯ ނުހުޅުވެނީ ނުވަތަ އެ މަގާމުގައި އެ ބޭފުޅަކު ހުރުމުގެ ބޭނުން އެ ކެނޑެނީ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތަކަކީ އާންމު ވަޒީފާތަކުގެ އާންމު އުސޫލުތައް ހިނގާ ވަޒީފާތަކެއް ނޫން ކަމަށެވެ.

ސިވިލް ސާވިސް އަދި އާންމު ވަޒީފާތަކުގައި ތިއްބަވާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ޤާނޫނުން ކަށަވަރު ކޮށްދީފައި އޮންނާނެ ކަމަށް މިއުވާން ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުގެ ސިޔާސީ ފިކުރު ހުރިގޮތަކުން ވަޒީފާއިން ވަކިކޮށް ނުވަތަ ފިޔަވަޅެއް ނާޅާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.