މިހާރު ޝޫޓިން ފަށާފައިވާ ފިލްމު "ދަ ކްރޫ" އަކީ އާންމުންގެ ތެރެއަށް ވަރުގަދަ ފެޝަން ޓްރެންޑެއް ގެނެސްދޭނެ ފިލްމެއް ކަމަށް އޭގެ ކާސްޓްގައި ހިމެނޭ ކަރީނާ ކަޕޫރް ބުނެފި އެވެ.
އޭނަ ކުޅުނު 2018 ގެ "ވީރޭ ދީ ވެޑިން" ގެ ޕްރޮޑިއުސަރުން ކަމަށްވާ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމާ ގޮތުން ޕިންކްވިލާގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ "ދަ ކްރޫ" ގެ ޓީމުން މަސައްކަތް ކުރަނީ ވެސް ފިލްމުގެ ކޮސްޓިއުމް ވަރަށް ތަފާތު ކުރަން ކަމަށެވެ.
އޭވިއޭޝަން ދާއިރާގައި އުޅޭ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭ "ދަ ކްރޫ" ގެ ކާސްޓްގައި ޒުވާން ބަތަލާ ކްތިރީ ސެނަންގެ އިތުރުން ތައްބޫ ވެސް ހިމެނެ އެވެ.
ކަރީނާ ބުނި ގޮތުގައި ރިއާ އަކީ އަބަދު ވެސް ފެޝަނަކަށް ވަރަށް ބޮޑު އިސްކަމެއްދޭ ޕްރޮޑިއުސަރެއް ކަމަށާއި އާ ފިލްމަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންތަކެއްގެ ގްލެމާ ދައްކުވައި ދޭނެ ފިލްމަކަށްވާތީ ފިލްމުގެ ކޮސްޓިއުމް ވާނީ މިހާތަނަށް ހިންދީ ފިލްމަކުން ނުފެންނަހާ ސްޓައިލިސް ޑިޒައިންތަކަކަށް ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީން މި ފިލްމު އާ ފެޝަން ޓްރެންޑެއް ގެނެސްދޭނެ." އަމިއްލަ އަށް ހެދުމުގައި ވެސް ވަރަށް ބޮޑަށް ބަލާ ބަތަލާ ބުންޏެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ދަ ކްރޫ" އަކީ ރާޖޭޝް ކްރިޝަނަން ޑައިރެކްޓްކުރާ އެއްޗެކެވެ. ކަރީނާ ބުނީ މި ފިލްމަކީ ބޮލީވުޑްގެ ޓިޕިކަލް ކޮމާޝަން ފިލްމަކަށް ވާނެ ކަމަށެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އެވެ.
އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން އޮތީ ދެ ފިލްމެއްގެ ޝޫޓިން ވެސް ނިންމައިފަ އެވެ. އެއީ ތުރިލާ ޖޯންރާ އަށް ސުޖޯއި ގޯޝް ޑައިރެކްޓްކޮށްފައިވާ ފިލްމަކާއި ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކަމަކު އެ އެއްޗެހި ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.