ކޯލިޝަން ދެމެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެލައްވާފައިވާ ވައުދު ފުއްދަވަމުން ގެންދަވާކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވަނީ، ސަރުކާރުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުން ތިބެގެން ކުރިއަށްދާން އުނދަގޫވާނެ ކަމަށް، މީގެކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.
"ކޯލިޝަން ދަމަހައްޓަވަން ރައީސް ވެވަޑައިގެންނެވި ވައުދު އެ ގެންދަވަނީ ފުއްދަވަމުން." މިއުވާން ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަން ތިބި ބޭފުޅުންނަށް އެފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއަޅާނަމަ އެފަރާތްތަކަށް ވަޒީފާގައި ނުތިބެވޭނެ ކަމަށެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ވާހަކަ ކުރުމަށް ނިންމައި އެޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމް އިބްރާހިމްއަށް ދިނުމަށް ނިންމާފައިވަނީ ސަރުކާރާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހަޅުއްވާފައިވަނިކޮށެވެ. ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޤާސިމް އަންނަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކުވެސް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ސޯލިހްއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.