Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ އިގްތިސޯދު ގޯސްވާނެކަމެއް ސަރުކާރުން ނުކުރާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސޯދީ ހާލަަތު ގޯސްވާނެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ވޯލްޑް ބޭންކުން ރާއްޖޭގެ ދަރަނި މަތިވި މައްސަލަ ފާހަގަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިއުވާން ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ސަރުކާރުގެ އުފެއްދުންތެރިކަން އަންދާޒާކޮށްފައިވާ އަދަދުގައި ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިންފްލޭޝަންއަކީވެސް ރަނގަޅަށް ހިސާބުޖެހިގެން ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ނަގާ ދަރަނި ނަގަނީވެސް ޕްލޭންކުރެވި ރަނގަޅަށް ބަލައިގެންކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ސަރުކާރުގެ ކޮންމެ ނިންމުމަކީވެސް ރަނގަޅަށް އެނގިތިބިގެން ކުރާ ކަމެއްކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވެގެން ހިނގައިދާނެ އެއްވެސް ކަމެއް ސަރުކާރުންނެއް ނުކުރާނެ." މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ ވޯލްޑްބޭންކްގެ ރިޕޯޓުގައި ފާހަގަކުރާ ކަންތައްތަކާއި ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވި އެކަމުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.

ވޯލްޑްބޭންކްގެ ރިޕޯޓާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް ކަމަށެވެ. އަދި މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ.