އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މިއަދު އުމުރާއަށް ފުރަން ތިބި މީހުންނަށް ވިސާ ހަމަނުޖެހިގެން ދަތުރު ކެންސަލް ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމުރާއަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފައި އޮތީ މިއަދުއެވެ. އެ ގްރޫޕުގެ ހަވާލުގައި 180 އަށް ވުރެ ގިނަ މީހުން ފުރުމަށް ހަމަޖެހިފައި އޮތްކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ދަތުރު ކެންސަލް ކުރީ ވިސާ ލިބިފައިނުވާ ކަމަށް ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ރޯދަމަހު އުމުރާއަށް ގެންދަން ހަމަޖެހިފައިވާ އުމުރާވެރިން، އުމުރާއަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ ނުފުރޭ ކަމުގެ ޝަކުވާ މިއަދު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ހިނގާފައިވާގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.
އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމުރާއަށްދާ ފަރާތްތަކުން މިއަދު ހެނދުނު 8:00 ގައި ސައުދީ އެއާލައިންގައި އުމުރާއަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް ފަތިހު ވައިބަ ގްރޫޕަށް ފޮނުވި މެސެޖުގައި އެ ގްރޫޕުން ބުނެފައިވަނީ، "މިއަދުގެ މިވަގުތާ ހަމައަށް އައިއިރު ވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މިގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް" ކަމަށެވެ.