ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންގޮސް، ކުއްޖާގެ ހަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރު ކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި މިފަދަ އަމުރެއް ކުރި ފުރަތަމަ ފަހަރެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ ހުރިހާ ހަރަދުތައް، އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އެކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ދައުލަތުން ހުށަހެޅި މައްސަލައެއްގައި ފެމިލީ ކޯޓުން މިގޮތަށް ނިންމާފައިވަނީ މައިންބަފައިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި ކުއްޖާގެ އާއިލާގެ ތެރޭގައި ކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތުމުންނެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ހަރަދާއި، ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތް ކުރައްވާ ޤުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިއާޔަތް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިއާޔަތްކޮށްފައިވާ ކަމަށެވެ.
ކޯޓުން ނިންމާފައިވަނީ ކުއްޖާގެ ހަރަދަށް ކޮންމެ މަހަކު 16،219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ދެއްކުމަށެވެ. އެގޮތަށް އަމުރު ކޮށްފައިވަނީ ބައްޕަގެވެސް ރުހުމާއެކުގައި ކަމަށް ފެމިލީ ކޯޓުން މައުލޫމާތުދެއެވެ.