Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެމްއޭސީއެލަށް ތެޔޮ ފޯރުކޮށް ދޭން އެއްބަސްވުން އާކޮށްފި

އެމްއޭސީއެލް އަށް ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އެމްއޭސީއެލް ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ/ / ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން އެމްއޭސީއެލްއަށް ތެޔޮ ވިއްކާ ރޭޓަށް ބަދަލު ގެނެސް އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނިއަށް އެންމެ ފަހުން އައްޔަން ކުރެވުނު މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސައީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މަހުޖޫބް ޝުޖާޢުއެވެ.

އެސްޓީއޯއާއި އެމްއޭސީއެލް ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އަންނަ އަހަރު މާރިޗު 31 އާއި ހަމަށް އެވިއޭޝަން ފިއުލް އަދި ގެސޮލައިން އެމްއޭސީއެލްއަށް އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައު އެއްބަސްވުމަކަށް އައިސްފައިވަނީ އައު ރޭޓެއްގައެވެ. ނަމަވެސް މި ދެ ކުންފުނިންވެސް މިކަމާއި މެދު އެއްޗެއް ބުނެފައި ނުވެއެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓިއޯއިން އެމްއޭސީއެލްއަށް 1.5 މިލިއަން ފީފާ އެވިއޭޝަން ފިއުލް ފޯރުކޮށްދޭނެއެވެ. އަދި 80،000 ފީފާ ގެސޮލައިންވެސް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

އެސްޓީއޯއިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ. އެސްޓީއޯއިން އެމްއޭސީއެލްއަށް އެއްބަސްވުމެއްގެ ދަށުން ތެޔޮ ފޯރުކޮށްދޭން ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ.