Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ދުވާލަކު 120 ޓަނު މަސް ކިރުވޭ ބޯޓެއް ގެނެސްފި

މިފްކޯގެ މަސްކިރުވުމުގެ އޮޕަރޭޝަނަށް ގެނައި އައު ބޯޓު / ފޮޓޯ: މިފްކޯ

ޖުމްލަ 420 މެޓްރިކް ޓަނުގެ މަސްކިރުވުމުގެ ޤާބިލްކަން ލިބިފައިވާ މިފްކޯ އައު މަސްކިރުވާ ބޯޓު ރާއްޖެ ގެނެސްފިއެވެ.

މިފްކޯގެ މަސްކިރުވުމުގެ އޮޕަރޭޝަން ފުޅާ ކުރުމަށް ގެނައި މި ބޯޓަކީ ދެކޮޅުން މަސްކިރޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ޖަޒީރާ 103 ކިޔާ މި ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނިކުރުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓެއް ކަމަށް މިފްކޯއިން ބުނެއެވެ.

މި ބޯޓު މިއަދު ރާއްޖެ ގެނެސްފައިވާއިރު މިކަމާއި ގުޅޭގޮތުން މިފްކޯ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ، ޖަޒީރާ 103 އަކީ ފަސޭހަ ކަމާއެކު މަސްކިރުމުގެ ވަސީލަތްތައް ޤާއިމް ކޮށްފައިވާ ބޯޓެއް ކަމަށެވެ.

"މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިފަސޭހަ ތަކެއް ލިބިގެންދާނެ" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭ ބޭނުން ކުރަން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއަށް މަސްކިރުވުމަށް އައު ބޯޓެއް ގެނެސްފައިވާއިރު، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބާނާ މަސް ނުކުރި ގިނަ ވަގުތު ކިއު ލައިނުގައި ހޭދަ ކުރަން ޖެހުމުން މަސް ހަލާކުވެ މަސް އުކާލަން ޖެހުމެވެ. މިކަމަށް ހައްލެއް ގެނައުމަށް މިފްކޯގެ ކޯލްޑް ސްޓޯރެޖް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިމައްސަލަ ހައްލު ކުރުމަށް މިފްކޯގެ 4 ބޯޓެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައެވެ. މިއީ މިމަސައްކަތުގެ ދަށުން ގެނައި ފުރަތަމަ ބޯޓެވެ.