ހިތަދޫ ޓުއަރިޒަމް ޒޯނުގައި ހުރި ކުނިތަކެއްގައި ރޯކޮށްލި އަލިފާންގަނޑު އެމްއެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނުން ނިވާލައިފިއެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 6:45 އެހައިކަށްހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި ޓުއަރިޒަމް ޒޯންގެ 4 ދިމާލެއްގައި ހުރި ކުނިތަކެއްގައި ވަނީ ރޯކޮށްލާފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ޓުއަރިޒަމަށް ދޫކޮށްފައި އޮތް ހުސް ބިމުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން. މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:45 ހާއިރު. pic.twitter.com/vEwKWi5Hvb
— Maldives National Defence Force (@MNDF_Official) April 6, 2023
މި ހާދިސާގައި ރޯކޮށްލާފައިވަނީ އެ ސަރަހައްދު ސާފުކޮށް އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށް އައްޑޫލައިވްއަށް ވަނީ ޔަގީން ކުރެވިފައެވެ. އަދި ޓުއަރިޒަމް ޒޯންގައި ލޭންޑްސްކޭޕިން މަސައްކަތް ކޮށްފައި ހުރި ތަންތަނަށް ގެއްލުން ވެފައި ނުވެއެވެ.

މިއަލިފާނގަނޑު އެމްއެންޑީއެފްއިން ހަރަކާތްތެރިވެ މިރޭ 7:30 ހިސާބު ނިވާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހިތަދޫ ޓުއަރިޒަމް ޒޯން ސަރަހައްދަކީ ހިތަދޫގައި މީހުން އަލަށް އާބަދުވަމުންދާ ސަރަހައްދެކެވެ. ހިތަދޫ ފްލެޓް ސަރަހައްދު އޮންނަނީ އެ ސަރަހައްދުގެ އުތުރަށެވެ.