އިޓަލީގެ އެންމެ މަޝްހޫރު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އުމުރުން 86 އަހަރުގެ ބަރްލަސްކޯނީ އިއްޔެ މިލާންގެ ސެން ރަފައެލް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ލޭގެ ކެންސަރަށް ހެދި ޗެކްޕްތަކާ ގުޅިގެން ހަ ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދީފައި ދޫކޮށްލިތަނާ ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނަގެ ހާލަތު އެހާ ގޯސް ނޫން ކަމަށް ބަރްލަސްކޯނީގެ އަރިސް ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.
އެހެންވެ އޭނަ މާ ލަސްތަކެއް ނުވެ އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ސިޔާސީ މަސައްކަތްތަކަށް ނުކުންނަވާނެ ކަމަށް ވެސް ގާތް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ބަރުލަސްކޯނީ އަކީ ތިން ދައުރަކަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ފުރުއްވީ 1994-1995 އަށް، 2001-2006 އަށް އަދި 2008-2011 އަށެވެ. ދެހާސް ސޯޅަގައި ބަރްލަސްކޯނީ ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ އިރު، 2020 ގައި އޭނަ އަށް ނިއުމޯނިއާ ވެސް ޖެހިގެން ފަރުވާ ދިނެނެވެ. ބަރްލަސްކޯނީ 2020 ގައި ކޮވިޑަށް ވެސް ޕޮޒިޓިވްވި އެވެ.
ބަރްލަސްކޯނީ އަކީ އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޓީމް އޭސީ މިލާންގެ ކުރީގެ ހިއްސާދާރެއް ވެސް މެ އެވެ.