Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

އުމްރާ އަށް މީހުން ފޮނުވަން ސަފާ އަށް އަންގައިފި

ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އިއްޔެ ހެނދުނު އުމްރާއަށް ދާން ތައްޔާރުވެ ނުފުރުނު މީހުންނަށް އުމްރާ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން އެ ގްރޫޕަށް އަންގައިފި އެވެ.

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާއަށް އިއްޔެ 180 އަށް ވުރެ ގިނަ މީހުން ފުރުމަށް ހަމަޖެހިފައި އޮތްކަމަށް މައުލޫމާތު ލިބެ އެވެ. އެމީހުންގެ ދަތުރު ކެންސަލް ކުރީ ވިސާ ލިބިފައިނުވާ ކަމަށް ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތިން މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލާ އެ ކުންފުނީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އުމްރާ ވިސާ އަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަށާއި މި ވިސާ އަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވެސް ފޯރުކޮށްދޭ ހިދުމަތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މައްސަލަ ދިމާވެފައިވަނީ ސައުދީ އަދި ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށާއި މިކަން ދިމާވެފައިވަނީ ސަފާ ގްރޫޕުން ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައި ނުވާތީ ކަމަށް އެ ކުންފުންޏާއި ހަވާލާދީ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި، ލަސްނުކޮށް ވީހާވެސް އަވަހަކަށް މި ރޯދަ މަހުގެ އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުންޏަށް އަންގާފަ އެވެ. އަދި މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.