އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ވައިގެ ހަމަލާތައް ދޭން ފަށައިފި އެވެ.
ރޭ ދަންވަރު އިޒްރޭލުން ގާޒާ އަށް ފޮނުވާލި ވައިގެ ހަމަލާތަކުގައި މީހަކު މަރުވިކަން އަދި އަނިޔާއެއް ލިބުނުކަން ކަށަވަރުވެފައި ނުވާއިރު ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތުގެ ބައެއް ތަންތަނަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ދެ ޓަނަލަކަށާއި ހަތިޔާރު ބެހެއްޓުމަށް ހަދާފައިވާ ދެ ފެސިލިޓީއެއްގެ އިތުރުން ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތަމްރީނުތައް ހަދާ ތަނަކަށް ވެސް އިޒްރޭލުން ވައިގެ ހަމަލާ އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގާޒާ އަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ގާޒާ އިން ވެސް ވަނީ އިޒްރޭލަށް ވައިގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.
އިޒްރޭލުން ގާޒާ އަށް ވައިގެ ހަމަލާތައް ދޭން ފެށިއިރު ފާއިތުވި ދެ ދުވަހު ވަނީ އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، އެ ތަނުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔެވުމުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެފަ އެވެ.
އިސްރާއީލު ސިފައިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އަދި ގާޒާ އަށް ވައިގެ ހަމަލާތައް ވެސް އިޒްރޭލުން އާންމުކޮށް ދެމުންގެންދެ އެވެ.