Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އައްޑޫ މަންތާގެ ވިލެޖް މަސައްކަތަށް ޖޯ ޕާމާ އަންނަނީ

އެމެރިކާގެ މަޝްހޫރު އާކިޓެކްޗަ ކުންފުންޏެއް ކަމަށް ޖޯ ޕަލްމާގެ ބެލުމުގެ ދަށުން އައްޑޫގައި ތަރައްޤީ ކުރުމަށް ރާވަފައިވާ ވޯލްޑް ސްޕޯޓްސް ސިޓީ މަންޓާ ވިލެޖުގެ މަސައްކަތާއި ގުޅޭ ބައްދަލުވުމަށް އެ ފަރާތްތަކުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުނެފި އެވެ.

އައްޑޫގައި ރާޅާ އެޅުންތެރިންނަށް ހާއްސަ ރަށެއް ތަރައްޤީ ކުރުމަށް އެ ފަރާތުން ހުށަހަޅާފައިވާ ކަން އައްޑޫ ސިޓީ ކައުންސިލުން މި ހަފްތާ ތެރޭގައި ވަނީ އާންމުކޮށްފަ އެވެ. މިއާއެކު މި ޕްރޮޖެކްޓާ މެދު ގިނަ ބައެއް ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ.

މިއާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ބައެއް ކަންބޮޑުވުމުގެ ތެރޭގައި މަޝްރޫޢުގެ ވާހަކަ އެކަނި ކައުންސިލުން ދައްކާ ކަމާއި، ސަރުކާރުގެ އެއްވެސް މުޢައްސަސާއަކުން މިހާތަނަށް މިކަމުގެ އެއްވެސް ބަހެއް ބުނެފައި ނެތުން ހިމެނެއެވެ. އަދި ބައެއް މީޑިއާތަކުގައި މި މަޝްރޫޢުގެ ވާހަކަ ގެނައުމާއެކު މިއީ ހިޔާލީ ވާހަކަތަކެއް ކަމަށް ވެސް ވާހަކަ ދެކެވިފައެވެއެވެ.

ނަމަވެސް އައްޑޫ ކައުންސިލުން މިވަނީ މިމަޝްޜޫއުގެ މެއިން އާކިޓެކްޓް ޖޯ ޕަލްމާ ރާއްޖެ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. މިގޮތުން އޭނާ ވަނީ ރާއްޖޭގެ ސަރުކާރަށާއި އައްޑޫސިޓީ ކައުންސިލަށް މިމަޝްރޫޢުގެ ކަންކަމުގައި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާތަކަށް ވަރަށް އަވަހަށް އެ މީހުންގެ ޓީމެއް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަޝްރުޢޫއާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ، މިމަޝްރޫޢު އައްޑޫސިޓީ ކައުންސިލަށް ތަންކޮޅެއް ކުރިންވެސް ހުށަހެޅުމެއް ލިބުނު ކަމަށެވެ. ނަމަވެސް އޭރު އެމީހުން ބޭނުންވީ ވަރަށް ބޮޑު ރަށެއް ތަރައްޤީ ކުރުމަށް ކަމަށާއި އެވަރު ރާއްޖޭގައި ނުވާނެ ކަމަށް ކައުންސިލުން އެނގުމުން މަޝްރޫޢު ސްކޭލް ޑައުންކޮށް ރާއްޖޭގެ މާހައުލާއި ގުޅޭގޮތުން އަލުން އެމީހުން ހުށަހެޅީ ކަމަށެވެ.

މި މަޝްރޫޢު އަކީ މިވަގުތު ހަމައެކަނި ކޮންސެޕްޓް ހުށަހެޅި، މަޝްވަރާ ކުރެވެމުންދާ މަޝްރޫޢެއް ކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.