Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

މިރޭގެ އިހުޔާ ފޯރަމް ހޯރަފުށިން

އިސްލާމިކް މިނިސްޓްރީން މި ރޯދަ މަހު ބާއްވާ 10 ވަނަ ފޯރަމް މިރޭ ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފި އެވެ.

އެ ރަށުގައި މިރޭ 9:30 ގައި ފަށާ ފޯރަމްގެ މައުޟޫ އަކީ "އިޙުތިލާފީ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ޝަރުއީ މިންގަނޑު" އެވެ. މި މައުޟޫ އަށް ފޯރަމްގައި ތަގުރީގު ކުރައްވާނީ ޝެއިހް އަބްދުލް ގާދިރާއި ހުސައިން އަބްދުﷲ ސައީދު އެވެ.

ހޯރަފުށީގައި ބާއްވާ ފޯރަމް އޮންނާނީ ހޯރަފުށީ އަތޮޅު މަދަރުސާގަ އެވެ.

އިސްލާމިކް މިނިސްޓްރީން ރޯދަ މަހުގެ ރޭތައް އިހުޔާކުރަން ފޯރަމްތައް ބާއްވަމުން އަންނަނީ މާލެ އާއި އަތޮޅު ތެރެއިންނެވެ. ނުވަ ވަނަ ފޯރަމް ރޭ މާލޭގައި ބާއްވާފައިވާ އިރު، މިހާތަނަށް ފޯރަމް ގެނެސްދިން ރަށްރަށުގެ ތެރޭގައި އައްޑޫ ހިތަދޫ، ޅ. ނައިފަރު، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނެ އެވެ.

މި ފަހަރުގެ އިހުޔާ ޕްރޮގްރާމްގެ ތެރެއިން ސްކޫލް ކުދިންގެ ފޯރަމް ވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ދަރިވަރުންގެ ދެ ފޯރަމް މާލޭގައި ބާއްވާފައިވެ އެވެ. އޭގެ ފުރަތަމަ ފޯރަމްގައި ވާހަކަ ދެއްކީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނެވެ. އަދި ދެވަނަ ފޯރަމްގައި ވާހަކަ ދެއްކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނެވެ.